ސެޕްޓެމްބަރ 20, 2024 03:53

ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގެ 5 ރަށެއްގައި ފެން ޕްލާންޓު ގާއިމްކޮށްފި

ފާއިޒާ ޙުސައިން
ޖެނުއަރީ 30, 2024

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 5 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ބޯފެން އުފައްދާ ޕްލާންޓު ގާއިމްކޮށްފިއެވެ.

މި ފެން އުފައްދާ ޕްލާންޓު ގާއިމްކުރި ރަށްތަކަކީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ގއ. ދާންދޫ، ކ. ކާށިދޫ އެވެ.

މީގެ ތެރެއިން، އަލިފުށި، އޮޅުވެލިފުށި، ކެލާ، އަދި ދާންދޫގައި ޤާއިމްކޮށްފައި ވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޕްލާންޓުތަކެވެ. އަދި އެ ޕްލާންޓުތަކުގައި 200 ކިލޯވޮޓްގެ ސޯލާޕެނަލް ވަނީ ހަރުކޮށްފައެވެ.

ނަމަވެސް ކާށިދޫގައި ގާއިމްކޮށްފައި ވަނީ ދުވާލަކު 200 ޓަނު ފެން އުފެއްދޭ ޕްލާންޓުގައި 100 ކިލޯވޮޓްގެ ވިންޑް ޓާބައިން އަދި 100 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރާ ފެންޕްލާންޓުތައް ހަވާލުކޮށްދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮންގް ލިޖިންއެވެ.

ފެންޕްލާންޓުތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގަތީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބުއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy