ސެޕްޓެމްބަރ 20, 2024 07:32

ގއ. ވިލިނގިލި / ފޮޓޯ: ވިލިނގިލިގަ ( ޓްވިޓާ )

ރާއްޖޭގައި ނައްތާލާފައިވާ ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ

އައިޝަތު އިބްރާހީމް
ޖެނުއަރީ 23, 2024

ރާއްޖޭގައި ނައްތާލާފައިވާ ބައްްޔެއް ކަމަށް ވާ ހޯއްގޮވާ ކެއްސުން (ޕާޓޫސިސް) އަށް ރާއްޖޭގެ ދެކުނުން ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބަލި ފެނިފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ.

މި ބައްޔަށް ޕޮޒިޓިވް ވި ކޭސްތަކާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗް އާއި ގއ. އަތޮޅު ހޮސްޕިޓަލުން ގުޅިގެން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންތެކްޓް ޓްރޭސިން ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުމުގެ މަސައްކަތް ކުރަމުން ދާކަަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

"ޕާޓޫސިސް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ޕާޓޫސިސް ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ތުއްތު ކުދިންނަށް މީގެ އިތުރުން ވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެއެވެ..،" އެ ބައްޔާ ގުޅޭގޮތުން އެޗްޕީއޭ އިން ބުންޏެވެ.

މި ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޭޖެންސީން ބުންޏެވެ.

ހޯއްގޮވާ ބަލިޖެހުމުން އެންމެ ނުރައްކާ ބޮޑުވަނީ ތުއްތު ކުދިންނަށެވެ. އުމުރުން ހަތް އަހަރު ނުވާ ކުދިންގެ ތެރެއިން ޕާޓޫސިސް ވެކްސިން ފުރިހަމަ ނުކުރާ ކުދިންނަށް ވީހައިވެސް އަވަހަކަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މީގެއިތުރުން ރޯގާ ޖެހި މާ ބޮޑަށް ކެއްސާ ނަމަ، ނުވަތަ ކެއްސުން ދިގުލައި އުންދަގޫތަކެއް ވާ ނަމަ، ނުވަތަ ދިގު މުއްދަތަަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy