ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތްފަށާ އާންމުންނަށް ޒިޔާރާތް ކުރެވޭނެހެން ހުޅުވަން ނިންމައިފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި ކަޅުއޮށްފުންމި ބާއްވާނެ އޮޑި ހަރުގެ އަޅަން ނިންމާފައިވަނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައެވެ.
ކަޅުއޮށްފުންމިއަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. އެގޮތުން ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު ދިރާސާކުރުމަށް ފަހު ބަނދެފައިވާ މި ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ.
މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.
މި މަޝްރޫޢާ ގުޅިގެން ކުރަން ރޭވިފައިވާ ބައެއް ކަންކަމަކީ:
- މަރާމާތުގެ މަސައްކަތް ކޮންސަލްޓުންޓާ ހަވާލުކުރުން
- ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރުކުރުން
- އޮޑިހަރުގެ އެޅުން
- ކަޅުއޮށްފުންމި ބަލާލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރުމެވެ.
ތަރިކައާއި ސަގާފަތާއި ބެހޭ މިނިސްޓްރީން ބުނީ ކަޅުއޮށްފުންމި މާލެ ގެނެސް، މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލާނީ ހާއްސަ ރަސްމިއްޔާތަކާއި އެކީގައި ކަމަށެވެ.