ސެޕްޓެމްބަރ 20, 2024 08:33

މާލެސިޓީގެ މޭޔަރާއި ކައުންސިލަށް އިންތިހާބުވި މެންބަރުން ހުވާ ކުރައްވައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 23, 2024

މާލޭގެ އިންތިހާބީމޭޔަރު އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ ތިން ކައުންސިލަރުން ހުވާ ކުރައްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރާއި ތިން ކައުންސިލަރުންނަށް ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެކިއެކި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުވަތު ދީގެން ގިނަ ބަޔަކު ޖަލްސާ އަށް ހާޒިރުވިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގައި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާއެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ. އަދި މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަހްމަދު ރިޝްވާނެވެ. ރިޝްވާން އެމްޑީޕީގެ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް މިރޭގެ ވަގުތެއްގައި އޭނާ ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފައެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

އާޒިމް ވަނީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ. އޭގެ ކުރިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވަނީ އަދާކުރައްވައިފައެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރުން ތިއްބަވާއިރު، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 13 އަަށް ވަނީ އިތުރުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy