ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް 325 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މި އަހަރުގެ މާޗް 17 އެވެ. އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
މި އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މާދަން ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.