"ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒު"ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު"ގެ ނަމުގައި އިދާރާއެއް ރައީސް މުއިއްޒު ވަނީ އުފައްދަވާފައެވެ.
އަދި މި އިދާރާ ހިންގާނީ މިނިސްޓަރީ އޮގް ދިވެހި ލޭންގުއޭޖު، ކަލްޗާ އެންޑު ހެރިޓޭޖުގެ ދަށުންނެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައިކަން ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެއިތުރުން ދަރިވަރުންގެ ހިތްތަކުގައި ގައުމިއްޔަތަށް އޮންނަ ލޯބި އިތުރު ކުރުމަށްޓަކައި ދިވެހި ގައުމިއްޔަތުގެ ނަމުގައި އާ މާއްދާއެއް ތައާރަފުކޮށް އަންނަ ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފަށަންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ހިދުމަތްކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިރާއްޖެއާއި ދިވެހި ގައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން ހިމެނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސާފައިވާ ރަސްމީ ނަމަކީ "National Institute for Maldivian Heritage Research" އެވެ.