ވަށާޖެހޭ ޕްލޭންގެ ދަށުން ރާއްޖެ އައިޓީގެ ބޮޑު ހަބަކަށް ވެގެން ދިއުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ފަނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ގައުމީ ހަރަކާތެއް ހިންގަން ފެށުމާއި، ކޯޑިން ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނޭކަމެކެވެ.
މި ޕްލޭނާއި ގުޅިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ހަރަކާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ މި ދަތިތަކަށް ހައްލު ހޯދުމުގެ ފުރަތަމަ އެކްޝަން ޕްލޭންގެ މަސައްކަތްކަމަށެވެ.
މިކަން ސިލްސިލާ ގޮތެއްގައި، މި 5 އަހަރުގެ ދައުރުގެ ތެރޭގައި ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.
"މި ތަނުގައި މި މަސައްކަތް ކުރިއަށްދާއިރު، މިއީ މި ސިލްސިލާގެ އެންމެ ފުރަތަމަ ބިންގާކަން އަޅުގަނޑު ފާހަގަކޮށްލަން. މިއަށްފަހު މި މަސް ތެރޭގައި، އިތުރު ހަރާކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި ހަމައެއާއިއެއްކޮށް މި އަންނަ މަހު އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނަން. މިއީ ދިގު ދެމިގެންދާ ފަސް އަހަރުގެ ބޮޑު ޕްލޭނެއް." މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދެވުމަށް ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި ސީދާ ކަމުގެ ފަންނީ ބޭފުޅުންނާއިއެކު މަސައްކަތް ކުރިއަށް ގެންދެވުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސިޔާސަތުތަކުގެ މަގްދަކީ ރާއްޖެއާއި ދުނިޔޭގެ ބާޒާރުގައި ފަންނިއްޔާތުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ފަނިއްޔާތުގެ ދާއިރާއިން ދިވެހި ޒުވާނުން ވަޒީފާތަކަށް ހޭލުންތެރިކުރުވުންކަމަށް ވިދާޅުވިއެވެ.