ގޯލްޑަން ފުޓްސަލް މުބާރާތުގައި ލ. މާވަށު ފުޓްސަލް ޓީމްގެ ފުރަތަމަ މެޗް މިރޭ 11:00 ކުޅޭނެ ކަމަށް އެ ޓީމުން ބުނެފިއެވެ.
ޖަނަވަރީ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގައި އެ ޓީމާއެކު މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ކަޅައިދޫ ޓީމެވެ.
''މިހެން'' އަށް މައުލޫމާތު ދެއްވަމުން އެ ޓީމްގެ މެނޭޖަރ ޔޫސުފް އިރުޝާދު (އިއްޓެ) ވިދާޅުވީ މި ފަހަރު މާވަށު ޓީމް މި މުބާރާތުގައި ބައިވެރިވެފައިވަނީ ވަރަށް ފޯރިއާ ޖޯޝާއި އެކުގައިކަމަށެވެ.މީގެ އިތުރުން އިއްޓެ ބުނީ މިފަހަރުގެ ޓީމް އެކުލަވައިފައިވަނީ ރަށުގައި ތިބި ކުޅުންތެރިންނާއި މާލެގައި ތިބި ކުޅުންތެރިންވެސް ހިމަނައިގެން ކަމަށެވެ.
އަދި މިފަހަރުގެ މި މުބާރާތައް ތައްޔާރުވުމަށް ވަކިން ކޯޗަކު އައްޔަން ކުރެވިފައިވާ ކަމަށާއި ކޯޗަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފޯވާޑް އަލީ ޝިޔާމް (ހުރާ އައްޔަ) ކަމަށްވެސް އިއްޓެ ވިދާޅުވިއެވެ.
ހަމައެއާއެކު މި ފަހަރުގެ މި މުބާރާތުގައި ޓީމްގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް އެ ރަށު ކައުންސިލް އިދާރާއިންވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވާގޮތައް ހަމަޖެހިފައިވާ ކަމަށާއި އެ ޓީމްގެ ކަންކަން އެ ކައުންސިލުން ވަނީ ރަށުގައި އުފެދިފައިއޮތް ޖަމިއްޔާއެއްކަމުގައިވާ ''ހޯޕްސް އެމްވީ'' އާއި ހަވާލުކޮށްފައިވާ ކަމަށްވެސް އިއްޓެ ފާހަގަކުރެއްވިއެވެ.
މިރޭގެ މެޗްކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑު1ގައި އެވެ.