ތައިލޭންޑާއި ޔޫއޭއަށް އާދަންދަ ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި އާސަންދައިގެ ދަށުން، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ބޭސްފަރުވާއަށް ދިއުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އާސަންދައިން މިއަދު ބުނެފިއެވެ.
އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އާސަންދައިގެ ދަށުން އިންޑިއާ އަދި ސްރިލަންކާގެ ނޫން އެހެން ގައުމަކުން، ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް އާސަންދައިން ދެކޮޅު ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ.
މީގެއިތުރުން އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރިލަންކާއަށް ނަމަވެސް، ކުރިއަށްއޮތް ތަނުގައި ތައިލެންޑް އަދި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީވެ އާސަންދަ ކުންފުނިން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު ކުރެވެމުންދާ ކަމަށްވެސް އ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އާސަންދައިގެ ދަށުން އެ ދެގައުމަށް ބޭހަށް ފޮނުވުމަށް އާސަންދައިން ދެކޮޅު ކަމަށްބުނެ މީޑިއާތަކުން ހަބަރު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި، ދެއްކި ވާހަކައަކަށް ހަވާލާދީ ކަމަށްވެސް ބުނެފައިވެއެވެ.
ހަމައެއާއެކު އެސްއޯއީ ކޮމިޓީގައި، އާސަންދައިގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ވިސްނުން ނެތް ކަމަށް ބުނެފައިވަނީ އެއިރު އެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިނުވާތީ ކަމަށާއި ސަރުކާރުން ވަނީ މިހާރު ރަސްމީކޮށް، އާސަންދަ ފުޅާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައި ކަމަށެވެ.
އެހެންކަމުން މާކުރިން ދައްކާފައިވާ ވާހަކަތަކަކަށް ބިނާކޮށް ހަބަރު ފެތުރުމުން، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅިގެންދާނެ ކަަމަށާއި އަދި ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުވާނެހެން މަޢުލޫމާތު ގެނެސްދިނުމަށް އެދޭ ކަމަށް އާސަންދައިން ބުނެފައިވެއެވެ.