ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން އަންނަ ފެބްރުއަރީ މަހުގެެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ޖަލްސާ ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަވަން ޖެހޭ ދުވަހެވެ. އަދި މިއީ ރައީސް މުއިއްުޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
މި ރިޔާސީ ބަޔާނުގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސް ހިއްސާ ކުރައްވާނެއެވެ.
ރައީސް ޑރ. މުއިއްޒުގެ ވަޒީރުންނަށް އަދި މަޖިލީހުގެ ރުހުން ދީފައި ނުވާއިރު، މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ، ރައީސް މުއިއްޒުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި މިކަމަށް ގޮތެއް ނިންމަން ޖެހެއެވެ.
މަޖިލީހުގެ މެޖޯރިޓީ 55 މެމްބަރުންނާއެކު އެމްޑީޕީއަށް އޮތް ނަމަވެސް ދާދި ފަހަކުން ވަނީ އޭގެ ތެރެއިން 14 މެންބަރަކު ވެރިކަންކުރާ ޕީއެންސީއަށް ގުޅިވަޑައިގެންފައެވެ.