މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި މަގާމުތަކަށް އިއުލާން ކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ފުލުހުންގެ ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3، ސީނިއަރ ސާޖަންޓް ގްރޭޑް 1 އަދި 2 ގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައި ކަމަށްވެސް އެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.
މި މަގާމުތަކުގެ ތެރެއިން ކޮންސްޓަބްލްގެ މަގާމުގެ ޝަރުތުތައް:
- އެސް.އެސް.ސީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން
- ފިރިހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 ފޫޓް ހަމަވުން،
ކޮންސްޓަބަލް މަގާމަށް ހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެެންވަރާއި، ތަޖުރިބާއަށް ރިޢާޔަތްކޮށް ދެންނެވިފައިވާ އިސްކޮޅު ހަމަނުވިކަމުގައިވީނަމަވެސް ފޯމު ބަލައިގަތުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.
ސާޖަންޓް ގްރޭޑް 1 މަގާމުގެ ޝަރުތުތައް
- އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ 6 (ހައެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.
ސާޖަންޓް ގްރޭޑް 2 މަގާމުގެ ޝަރުތުތައް
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ހާޞިލްކޮށްފައިވުން.
ސާޖަންޓް ގްރޭޑް 3 މަގާމުގެ ޝަރުތުތައް
- އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.
ސީނިއަރ ސާޖަންޓް ގްރޭޑް 1 މަގާމުގެ ޝަރުތު
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.
ސީނިއަރ ސާޖަންޓް ގްރޭޑް 2 މަގާމުގެ ޝަރުތު
- އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.
- މިޝަރުތުތަކުގެ އިތުރުން މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައި ވާންޖެހެއެވެ.
- އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުތު ފުރިހަމަވެފައިވާ ފަރާތަކަށް ވާންޖެހެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންކަމުގެ ތެރޭގައި
- ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތައް
- މީހުން ހޮވުމުގައި ކުރިއަށް ގެންދެވޭ އެސެސްމެންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތައް
- ދިވެހި ފުލުހުންގެ ޚިދުމަތަށް ގާނޫނީ ގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުން
- ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި ފުލުހުންގެ މުއައްސަސާގެ ހިދުމަތް އަލަށް ގާއިމްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެސެސްމަންޓް ނުވަތަ ޓެސްޓުތަކުން ފާސްވާންޖެހެއެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، ތައުލީމީ ފެންވަރުފަދަ ބޭނުންވާ މުހިންމު ލިޔުންތަކާއެކު ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ބަލާ ފޯމް ހުށަހަޅަން ޖެހޭނެއވެެ. މި ލިޔުންތަކާއެކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ 2024 ފެބްރުއަރީ 18 ވަނަ ދުވަހު 16:00ގެ ކުރިންނެވެ.
ފޯމު ހުށަހަޅަން ޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށެވެ. މާލެ ފިޔަވައި އެހެން ހިސާބެއް ނަމަ، އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުންގެ އިއުލާނުގައި އަންގާފައިވެއެވެ. މި ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށް ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ޕޮލިސް ސްޓޭޝަންތަކުން ލިބެންހުންނާއެެވެ.
ހަމައެހެންމެ ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.