ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އީސީއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޯދަ މަހަށްފަހު އިންތިހާބު ބޭއްވުމަށް ނިންމައިފިނަމަ އިދާރީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށާއި އިންތިހާބު އަވަސް ކުރަން ނިންމީ އެސަބަބަށްޓަކައި ކަމަށެވެ.
މީގެއިތުރުން ފިތުރު އީދަށްފަހު އަންނަ ހަފުތާއަކީ މިހާރު އިސްލާހު ކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ސްކޫލުތަކުގެ އިމްތިހާނު ދުވަސްތައް ކަމުން އެ ހަފުތާ، އިންތިހާބުގެ ބޭނުންތަކަށް ސްކޫލުތައް ނުލިބޭނެތީ ކަމަށްވެސް އީސީއިން ފާހަގަކޮށްފައިވެއެވެ.
"ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2023 މާޗް 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް މި ކޮމިޝަނުން މިހާރު ވަނީ ނިންމާފައި،" - އީސީ
މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އީސީއަށް ލަފާ ދިނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް ނަމަވެސް ރޯދައިގެ ފަހަށް އިންތިހާބު ލަސްކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާންޖެހޭ ހާލަތުގައި އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެތީ ދަތިވާނެ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.