ރީތި ފައިތިލައަކީ މީހާގެ ސާފުތާހިރުކަމުގެ އެންމެ ބޮޑު ހެކިދޭ ތަނޭ ދުވަސްވީ މީހުން ބުނެ އުޅެއެވެ. ފައިތިލައިގެ ހަން ބޯ ވެ ފަޅަފަޅައިގެން ދިއުމަކީ މީހާގެ ސިއްހަތަށްވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ. އެހެންނަމަވެސް ދިވެހިރާއްޖެ ފަދަ ހޫނު ގައުމެއްގައި މިއީ ވަރަށް އާންމުކޮށް ދިމާވާ މައްސަލައެއްވެސް މެއެވެ.
ފައިތިލަ އޮމާންކޮށް ރީތިކޮށްލުމަށް ގިނަ ހަރަދުތަކެއް ކުރުމަށް ވުރެ ފަސޭހަ މޮޅު ގޮތެއް ހޯދުން ކިހިނެއްވާނެހެއްޔެވެ.
ނިކަން ބަލާލަމާ ހިނގާށެވެ.
ކޮކާކޯލާއަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ރަހަ ހެޔޮވަރު ބުއިމެކެވެ. ކޮންމެ ކެއުމަކާއެކުވެސް ބުއިމަކަށް ބޭނުންކޮށްލާ މި ކޯކް އެހެނިހެން ކަންތައްތަކުގައިވެސް ހާދަހާ މުހިންމު ދައުރެއް އަދާ ކުރެއެވެ. މީގެ ކުރިން ހަޑިވެފައި ހުންނަ ތަވާ ތެލި ފަދަ ތަކެތި ދޮންނަންވެސް ކޯކް ބޭނުން ކުރާނެ ގޮތް ގެނެސްދިނީމެވެ. މިފަހަރު މި އުޅެނީ އަގުބޮޑު ސާމާނު ނުލާ ފައިތިލަ އޮމާންކޮށް ރީތިކޮށްލާށެވެ.
ފައިތިލައިގައި ހުންނަ ބޯވެފައި ހުންނަ ހަންގަނޑު މަޑުކޮށްލަދީ، މަރުވެފައި ހުންނަ ހަންކޮޅުކޮޅު ނައްޓައި ސާފުކޮށްލުމަށް މިއީ ހަމަ މުޖައްރިބު ކަމެކެވެ.
ހޯދަންވީ ތަކެއްޗަކީ ކޯކް ފުޅިއަކާއި ސައިބޯންޏަކާއި (ސައިބޯނި ހިމުންކޮށް ގާނާފައި) ކޯންސްޓާޗް އަދި ކަޅުކޮފީ އެވެ.
ގާނާފައި ހުރި ސައިބޯނި ކުޑަ ތެއްޔަކަށް އަޅާށެވެ. އެއަށް އެއް ތަށި ކޯކް އަޅާށެވެ. ދެން ބޭނުންވާނީ ކޯންސްޓާޗް ސަމުސަލަކާއި ކަޅުކޮފީ ސަމުސަލެކެވެ. އުނދުން މައްޗަށް އުނދައިގެން ރަނގަޅަށް އެކުވަންދެން މަޑުގިނީގައި ކައްކާލާށެވެ.
ރަނގަޅަށް އެކުވުމުން އުނދުން ނިއްވާލާށެވެ. އަދި ދެން މި ފިޔަވަޅުގައި ހާކާށެވެ. ރަނގަޅީ މުޅިން ހިހޫ ނުވަނީވެސް ކުޑަކޮށް ހޫނުކަންމަތީގައި ހުއްޓާ ބޭނުން ކުރުމެވެ.
ޕޭސްޓް ރަނގަޅަށް ފައިތިލައިގައި ހޭކުމަށްްފަހު ޕްލާސްޓިކް ކޮތަޅަކުން ނުވަތަ އެހެެންވެސް ފެން ބޭރަށް ލީކް ނުވާފަދަ އެއްޗަކުން ފައިތިލައިގައި އޮޅައި ބަންދުކޮށްލާށެވެ. ދެން އިސްޓާކީނެއް ލުމަށްފަހު އަރާމުކޮށްލާށެވެ. އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ނިދަމުން މިގޮތަށް ޕޭސްޓް ބޭނުން ކުރުމެވެ. ސަބަބަކީ މިއީ ގިނައިރު ހޭދަވާ ކަމަކަށްވާތީއެވެ.
ހެނދުނު ހޭލައިގެން ނިކަން ބަލާލަބަލާށެވެ!
ތާފަނާ ފެނުން ދޮވެ ސާފުކޮށްލުމަށްފަހު ފެންހިއްކައި، ވޭސްލިން، ކުޑަތެޔޮކަމެއްހުންނަ އެެއްޗެއް ފައިތިލައިގައި ހާކާލާށެވެ. އަޅެ، ރީތި އޮމާން ފައިތިލައެއް ލިބުނީމަ، ސާފުވެފައި ނަލަވީމަ އުފަލެއް ނުވޭހެއްޔެވެ!