މީގެއިތުރުން ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އަދ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.