ކޮވިޑްގެ އައު ވޭރިއަންޓެއް އެކި ޤައުމުތަކުގައި ފެތުރެމުން އަންނާތީ، އެކަމަށް ސަމާލު ވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން އެކަމަށް އިލްތިމާސް ކުރި މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރު ކުރަމުންދާތީ އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެއާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރާކަމަށެވެ. އަދި އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ގޮސް އަދި އަންނަ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ގިނަ ޤައުމު ތަކަކުން އަންނީ ކޯވީޑްގެ އައު ވޭރިއަންޓެއް ފެންނަ ކަމަށް ރިޕޯޓް ކުރަމުންނެވެ. ކޯވިޑްގެ އާ ވޭރިއެންޓު، JN.1 ފެނި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ޤައުމު ތަކުން އަންނަނީ އަޅަމުންނެވެ. ނަމަވެސް ރާއްޖެއިން މި ވޭރިއަންޓު ފެނުނު ކަމެއް އެޗްޕީއޭއިން ނުބުނެއެވެ. އެޗްޕީއޭއިން ބުނީ 40 އަށްވުރެ ގިނަ ގައުމުން މި ވޭރިއަނޓު ފެނިފައިވާ ކަމަށެވެ.
އެޗްޕީއޭއިން ސަމާލުވުމަށް އިލްތިމާސްކުރާ ކަންކަން:
- އަރިދަފުން ރޯގާ ޖެހި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.
- އާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮންނަން ސަމާލުކަން ދިނުން
- ރޯގާ ޖެހި، ކެއްސާނަމަ އަނގަޔާ ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން
- ރޯގާ ޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލި މީހައާއެކު ވީހާ ވެސް މަދު މީހުން ދިއުން. ބަލި މީހުންނަށް ޒިޔާރަތްކުރުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން
- ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން
ގޭގައި ދެވިދާނެ ފަރުވާތައް
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ލުނބޯ ފަނި/ސައި، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުން ކުރުން އެޗްޕީއޭއިން އަންނީ ސާފުތާހިރު ކަމަށް ސަމާލު ވުމަށްވެސް އިލްތިމާސް ކުރަމުންނެވެ.