ސެޕްޓެމްބަރ 20, 2024 16:58

ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފި

ފާތިމަތު އިސްރާ
ޑިސެމްބަރ 24, 2023

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަލުން ޖަލަށް ބަދަލު ކޮށްފިއެވެ.

ލަމްހާގެ ބަލިހާލަތު ހުރިގޮތުން އޭނާ ޖަލުން ގެއަށް ބަދަލުކުރީ ފާއިތުވި ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އެ މައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށައެޅީ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. ލަމްހާ ބަންދުން ދޫކޮށްލާފައިވަނީ 3 މަސް ދުވަހަށެވެ.

މި މަހުގެ 20 ވަނަ ދުވަހު، އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ދެމިއޮތް ކަމަށް ކަނޑައަޅާފައެވެ.

ހައި ކޯޓުން އަމުރާއެކު ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފައިވާކަން ކަރެކްޝަންސްއިން ޔަގީން ކޮށްދީފައި ވެއެވެ.

މޭރީ މަރާލާފައި ވަނީ 2021 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ. މި މައްސަލާގައި ލަމްހާގެ މައްޗަށް ދައުވާ ކުރަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ އޭނާ ފިރިމީހާ މާވިންއާ ގުޅިގެން މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެއެވެ.

މި މައްސަލާގައި ދެމީހުންވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. ނަމަވެސް ލަމްހާ 3 މަހަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. ލަމްހާ ދޫކޮށްލަން ކޯޓުން އަމުރު ކުރިއިރު އެންމެ ފަހުން އޮތް އަޑުއެހުމުގައި، އޭނާގެ ފަރާތުން ވަނީ ފައިގައި ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ލަމްހާ ދޫކޮށްލަން ނިންމުމުގައި ޓެގު އެޅުވުމާމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ދައުލަތުން އެކަމާ ދެކޮޅެވެ. ދައުލަތުން ވިދާޅުވީ، ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއްނޫންކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy