ސެޕްޓެމްބަރ 20, 2024 08:42

ރޯދައިގެ ކުރިން ދޮންއަނދަރާދަ ހިނގުން ހުޅުވުމުގެ އަޒުމުގައި، މަގުގެ އަމަލީ މަސައްކަތް ފަށައިފިން: ސްޓެލްކޯ

ފާތިމަތު އިސްރާ
ޑިސެމްބަރ 17, 2023

މިހާރު ބަންދުކޮށްފައިވާ މާލޭ، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ދޮންއަދަރާދަ ހިނގުން ބަންދުކުރީ މާލޭގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓަރ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅި ހިސާބުންނެވެ. އެއިންޖީނުގެ އެޅީ  2010 ވަނަ އަހަރުއެވެ.

ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގެއާއި، މާލޭ އިންޖީނުގެ އިންޓަރކަނެކްޝަނަކުން ގުޅާލައި، ހުޅުމާލެއިން ކަރަންޓު އިމްޕޯޓް ކުރަން ފެށުމާއިއެކު، މާލޭގެ ދޮންއަދަރާދަ މަގަށްވާގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުން ކުރުން ހުއްޓާލައި، އެ ޖަނަރޭޓަރުސެޓްތައް މިހާރު ވަނީ ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭ ބައު އިންޖީނުގެއަށް ބަދަލު ކޮށްފައެވެ.

ދޮން އަދަރާދަމަގު ހުޅުވުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވިގެން ދިއުމާއެކު، އެ ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހާގީގީ ފައިދާއާއި ފަސޭހަކަން ލިބިގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާންމަސް އަންނަން ވާއިރަށް މަގުހުޅުވާލެވޭނެ. އަދި ހަމަ އެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމި އޮންނާނީ ރައްޔިތުންގެ ހިދުމަތުގަ އޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. އަސާސީ ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ފަހުމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކުންފުނީގެ ލެވެލްގައި ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފެށި ދުވަސް ކަމަށެވެ. މި މަސައްކަތުގެ ބުރަކަން އިހުސާސްވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދީ މާލޭގެ ރައްޔިތުންނަށްޓަކައި، މިއީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ވެސް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ އެ މަގު ބަންދުކުރަންޖެހުނީ އޭރު ކޮންމެހެންވެސް އެކަން ކުރަންޖެހިގެން ކަމަށެވެ. އެހެން ނަމަވެސް، އެ ރިކުއަރމަންޓް މިއަދު ނެތިގޮސް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރުން ފަށައިގެން މާލޭގެ ރައްޔިތުންނަށްޓަކައި، މި މަގު ހުޅުވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. މި މަގު ހުޅުވިގެން ދިއުމަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަކަށް އެކަމުގެ ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި މާލެއާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ހިމެނޭކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy