ސެޕްޓެމްބަރ 20, 2024 11:46

ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖުކޯޓާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް

ފާތިމަތު އިސްރާ
ޑިސެމްބަރ 17, 2023

ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖުކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވުމަށް ކެބިނެޓުން މިއަދު ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ މީގެ ކުރިން ޙައްޖަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނަގައި އަމިއްލަ ކުންފުނިތަކުން އެފައިސާއަށް ޚިޔާނަތްތެރިވެ އެކަމުގެ ކަންބޮޑުވުން ޢާންމުން އުފުލަމުންދާތީ އެކަމަށް ނިމުމަކަށް ގެނައުމުގެ ގޮތުންނެވެ. އަދި ޙައްޖަށް މީހުން ގެންދިއުމަށް ބޮޑު އަގު ނަގާ މައްސަލަވެސް ވަރަށް ބޮޑަށް ފެންމަތިވެފައިވެއެވެ.

މިއަދު ކެބިނެޓުން ނިންމެވި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، ރަސްމީ ހުރިހާ ޙައްޖު ކޯޓާއެއް ޙައްޖުކޯޕަރޭޝަނަށް ދެއްވުމަށް ނިންމެވީ ހައްޖަށް ދިއުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީވެފައިވާތީ އެމީހުންނަށް އަވަހަށް ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައިކަމަށެވެ.

ރާއްޖެއަށް ރަސްމީކޮށް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޢަދަދު އިތުރުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް 1000 ފަގީރުންވެސް ހައްޖަށް ފޮނުވުމަށް ނިންމާފައެވެ. އެގޮތުން އެންމެ ފުރަތަމަ 50 ފަގީރުން ޙައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭންވެސް ވަނީ ހަމަޖައްސާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy