ސެޕްޓެމްބަރ 20, 2024 12:20

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ /ފޮޓޯ: ރައީސް އޮފީސް

އާރާއި ބާރު ދައްކަން ގާނޫނީ ސަރުކާރަށް ލޮޅުން އެރުވުމަކީ ގައުމަށް ޣައްދާރުވުން: ރައީސް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 17, 2023

އާރާއި ބާރު ދެއްކުމުގެ ގޮތުން ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމަކީ މުޅި ގައުމަށް ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތަކެއް ކޮށްފައިވާއިރު، ރޭ ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "ތިމާމެންގެ އާރާއި ބާރު ދައްކާލަން ބޭނުންވީމާ" ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެފަދަ ކަމެއްގެ އަސަރު މި ގައުމަށް ވިޔަ ނުދޭނެ ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތެއް ދެކެ އެމަނިކުފާނު ނުހަނު ލޯބިވާ ކަމަށް ވިދާޅުވިއެވެ.

މުނާފިގުންގެ ސިފައިން މިސާލު ޖައްސަވައި ރައީސް ވިދާޅުވީ މުނާފިގުން ވާހަކަދައްކާ ނަމަ ދޮގު ހަދާނެކަމަށާއި ވައުދެއް ވެއްޖެ ނަމަ އެ ވައުދާ ހިލާފުވެ ހިޔާނާތްތެރިވާނެކަމަށެވެ.

ރައީސް ވިދާޅުވީ ހުރަވީ ދުވަސް ގޮވާލަނީ ތާރީހުން ފިލާވަޅު ލިބިގަތުމަށް ކަމަށެވެ. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށެވެ. އަދި ހުރަވީ ދުވަސް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށާއި އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ގައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ވެސް ރައީސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑީގެ "ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހިންނަށް މަސްލަހަތު ހުރި ކަމެއް ނޫން" ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy