ސެޕްޓެމްބަރ 20, 2024 12:43

ދޮންބަނޑާރައިންގެވި މަތިވެރިމަސައްކަތުގެ ޒިކުރާ އައުކުރުން ދިވެހިންނަށް އޮތް ވާޖިބެއް: ރައީސް ސާލިހް

ފާތިމަތު އިސްރާ
ޑިސެމްބަރ 17, 2023

ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ދޮން ބަނޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް އެކަމުން އިބުރަތް ލިބިގަތުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރުމަށް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3ވަނަ ދުވަހުއެވެ. އެއީ މީލާދީ ތާރީޚުން ބަލާނަމަ 1980ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހެވެ.

ހިޖުރައިން 1166ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3ވީ އާދީއްތަ ވިލޭރެއަކީ، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy