ސެޕްޓެމްބަރ 20, 2024 04:25

މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަކީ މުދަލާއި އަނބިދަރިންގެ ސަލާމަތަށް ކުރެވޭ މަސައްކަތެއް: ހުތުބާ

ފާތިމަތު އިސްރާ
ޑިސެމްބަރ 15, 2023

މުޖުތަމައުުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭމަސައްކަތެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

"ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުން،" މި މައުޟޫ އަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މާތްﷲއަށް އީމާންވުމާއި، ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް މަނާ ކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކަންތަކުގައި އެހީތެރިވުމާއި ނުބައި ކަންކަމުން މުޖުތަމައު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށެވެ.

މިއަދުގެ ހުތުބާގައި ވަނީ ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއެއްކަމަށް ބުނެފައެވެ. އެއީ ބިމުގައި ބާރުވެރިކަމާއި ނަސްރު ދެއްވުމުގެ ސަބަބެއްކަމަށް ވެސް ހުތުބާގައި ބުންޏެވެ.

އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރުއެޅުމާއި ދީނީ ކަންކަމާ ބެހޭ އިލްމު އާންމު ކުރުމާއި އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާއި މުޖުތަމައުގައި ހިނގާ ނޭއްގާނީކަންކަން މަނާކުރުންކަމަށްވެސް ހުތުބާގައި ބުންޏެވެ.

މުޖުތަމައެއް ތަހުޒީބުވާނީ އެމުޖުތަމައެއްގައި ހުރި އެންމެހައި ނޭއްގާނީ ކަންކަން މަނާކުރެވި ހެޔޮކަންތަކަަށް އަމުރުކުރެވިގެންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ އެބައެއްގެ އަގީދާއާއި ސަގާފަތާއި ލެޔާއި މުދަލާއި އަބުރަށް އަމާންކަމެއް ނެތް މުޖުތަމައެއް އެއީ ތަހުޒީބު މުޖުތަމައެކޭ ނުބުނެވޭނެކަމަށް ފާހަގަކުރުމާއެކު ހުތުބާގައި ބުނީ އެމުޖުތަމައުގައި ހިނގާ މުންކަރާތްތައް ނަހީ ނުކުުރެވޭނަމަ އެބަޔަކު ވާނީ އެބައެއްގެ އަތްތަކުން ހަލާކުގެ ދޮރުތައް ހުޅުވާފައިކަމަށެވެ.

މުޖުތަމައުުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭމަސައްކަތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެނީ މިފަދަ ކަންކަމާ މެދު އަޅާނުލައި ތިބެއްޖެނަމަ މަންޒިލު މަގްސޫދަށް ވާސިލުވުމުގެ ކުރިން މުޖުތަމައު ހަލާކުވެ ނެތި ހިނގައިދާނެއެވެ.

ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުމުގެ މަސައްކަތަށް ބަޔަކު އަބަދުވެސް ނުކުމެ އެކަމަށް ހުސްވެފައި ތިބުމަށް މާތްﷲ ވަނީ އަމުރު ކުރައްވާފައެވެ. އަދި އެމީހުންނަކީ ކާމިޔާބުގެ އަހުލުވެރިކަންކަމުގައި މާތްﷲ އަންގަވާފައެވެ.

މިލޮބުވެތި އިސްލާމީ ގައުމުގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނާއި މީސްތަކުން އިސްލާމްދީނާއި ދުރުކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާއި މިޒަމާނުގެ މީޑިޔާގެ ވަސީލަތްްތައް މެދުވެރިކޮށް ގައުމުގެ އަހްލާގީ މިންގަނޑު ހަލާކުކުރުމަށް މަސައްކަތް ކުރާ ފަރާތްތައް މާތްﷲއަށް ބިރުވެރިވާހުށި ކަމެވެ. އަދި އެފަދަ ކަންކަން ހުއްޓާލާ އެކަންކަމުން ދުރުހެލިވުމަށްވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގެ މަގު އިހްތިޔާރު ކުރުމަށާއި ދުންޔަތީ އެދުންތަކުގެ ފަހަތުން ނުދިއުމަށާއި ހެޔޮކަމުގެ މަގުތައް ތަނަވަސްކޮށް ފަސާދައިގެ މަގުތައް ބަންދު ކުރުމަށާއި ފިތުނައިގެ މަގުތަކުގައި ނުހިނގުމަށާއި ފިތުނައިގެ އަލިގފާންގަނޑަށް ދަރުއަޅާ ބަޔަކަށް ނުވުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy