ސެޕްޓެމްބަރ 20, 2024 08:49

ރާއްޖެއިން ނައްތާލާފައިވާ "ފައިލޭރިއާ" ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެ

ފާތިމަތު އިސްރާ
ޑިސެމްބަރ 14, 2023

ރާއްޖެއިން ނައްތައިލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ކޭސްތައް ފެނުނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީންގެ ފަރާތުން ކަމަށެވެ.

އެ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ އެންޑެމިކް ސަރަހައްދުތަކުން އައިސްފައިވާ މީހުން ކަމަށްވެސް ބުންޏެވެ.

އެ އެޖެންސީން އިތުރަށް ބުނީ، ފައިލޭރިއާ ކޭސްތަކެއް ފެނުމުން ކުޅުދުއްފުށީގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއެކު ދިރިއުޅޭ ފަރާތްތަކުގެ ސްކްރީނިންގ ޓެސްޓްތައް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ސްކްރީނިންގ ޓެސްޓުން ޕޮޒިޓިވްވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކާ އިތުރު ކޮންފަރމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތްކުރިއަށްދާނެކަމަށް ކޭއާރުއެޗުން ވިދާޅުވިއެވެ.

"ފައިލޭރިއާ ހުރިކަން ޔަގީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބޭހެއް." ކޭއާރުއެޗުގެ ނޫސް ބަޔާނުގައިވެ އެވެ

.މި ބައްޔަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށްވެފައިވާ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރިން ރައްކާތެރިވުމަށް ހޮސްޕިޓަލުން ނަސޭހަތްތެރިވެފައިވެ އެވެ.

ފައިލޭރިއާއަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަހައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy