ސެޕްޓެމްބަރ 20, 2024 10:53

ފުވައްމުލަކު ފަރަށް އެރި ބާޖު /ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކު ފަރަށް އެރި "އޮލިމްޕިކް ކަނޑިލޯ" ބާޖު 100 މިލިއަން ރުފިއާއިން ޖޫރިމަނާ ކޮށްފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 14, 2023

ފުވައްމުލަކު ސިޓީ ގިރާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ "އޮލިމްޕިކް ކަނޑިލޯ" ބާޖެއް ފަރަށް އެރި މައްސަލައިގައި އެ ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައި މި ބާޖު ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް ކައިރި ކުރުމުގެ ތެރޭގައި ފަރަށް އެރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

އޭރު އެ ބާޖު ވަނީ ފަރަށް ނާރާ ކަމަށް ބުނެ އީޕީއޭއިން މައްސަލަ ބަލަން ފެށުމުގެ ކުރިން ފުރައިގެން ގޮސްފައެވެ. އީޕީއޭއިން އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅިއެވެ.

އެ ހާދިސާއާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)އިން ސާވޭއެއް ހަދާފައި ވާއިރު، ފުވައްމުލަކު ފަރުގެ 4،306 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމާއި، ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ސާވޭއިން އެނގޭ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕޭއޭ އިން ބުނި ގޮތުގައި އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅި ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 162.7 މިލިއަން ރުފިޔާއެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އަދަދު 100 މިލިއަނުގައި ލިމިޓުކޮށްފައި އޮންނާތީ، ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރީ 100 މިލިއަން ރުފިޔާއިންނެވެ.

ޖޫރިމަނާއަށްވާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެ ބާޖުގެ ވެރި ފަރާތްކަމުގައިވާ އެފްރިޝިއަން ޕްރައިވެޓް ލިމިޓެޑްއަށް މިއަދު އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

އަދި ލިބުނު ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހާ އެކު ފަށާފައިވާ ކަމަށްވެސް އީޕީއޭ އިން ބުންޏެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy