އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ޕީޕީއެމް/ޕީއެންސީ ގެ މަޖިލިސް ޕްރައިމަރީގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ ތިނަދޫގެ ތަރައްޤީއަށް މުހިންމު ތަސައްވުރަކާއެކުގައެވެ.
މުސްތާގު ތިނަދޫއަށް ދެކޭ ތަސައްވުރުގައި ތިނަދޫގެ ތަރައްޤީގެ މުހިންމު ކަންތައްތަކަށް ވަނީ އިސްކަންދެއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަވެސް ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން ކުރިއަށް އޮތް 5 އަހަރުގެ އިސްތިރާޖީ ޕްލޭނެއް އެކުލަވާލާނެ ކަމަށް މުސްތާގު ވަނީ ވިދާޅުވެފައެވެ.
ތިނަދޫގެ ބަނދަރުމައްޗަށް ބޮޑު ބަދަލެއް ގެނައުމުގެ މަގްސަދުގައި ތިނަދޫ ކުރީގެ ބާސްކެޓްބޯޅަ ކުޅޭ ސަރަހައްދު ނުވަތަ މިހާރުގެ ނަމުން ނަމަ މާވަށްދިހަރޭ ޕާކުގައި ގައުމީ ބޮޑު ދިދައެއް ބެހެއްޓުމާއި، ބަނދަރު ސަރަހައްދު ގައުމީ ކަންކަމުގައި ބޭނުންކުރެވޭނެފަދަ ގޮތަކަށް ހެދުނެ ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދީންގެ ޕާކުގައި ބޮޑު ގަޑިއެއް ބެހެއްޓުމަށްވެސް ވަނީ ވައުދުވެފައެވެ. މީގެ ބޭނުމަކީ ގަޑީގައި ހަރުކުރެވިފައިވާ ތާޅަފިލިން ބަންގީގެ އަޑު އިއްވުމާއި، ދީނީ އެކި ޝިޔާރުތައް އަޑުއިއްވުމެވެ.