ސެޕްޓެމްބަރ 20, 2024 08:47

އަމާޒަކީ މި ފަސްއަހަރު ނިމޭއިރު މާލެސަރަހައްދު އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން: ހައިދަރު

ފާތިމަތު އިސްރާ
ޑިސެމްބަރ 14, 2023

އަމާޒަކީ މި ސަރުކާރުގެ 5 އަހަރުގެ ނިމިގެންދާއިރު މާލެ ސަރަހައްދުގައި އުޅޭ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެފްޑީސީން އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަމާން ދޯދިގެ ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތް ބައްލަވާލެއްވުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްވެސް ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 4000 ރައްޔިތުން ބޯހިޔާވަހި ކަމަށް ކުރާ އުއްމީދު ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މިކަހަލަ އެތައް މަޝްރޫއުތަކެއް ފެށިގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"އަމާޒަކީ އަޅުގަނޑުމެންގެ މި 5 އަހަރުގެ ދައުރު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބިފައިނުވާ އެއްވެސް އާއިލާއެއް އެއްވެސް ގޭބީސީއެއް ނެތުން. އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ހުޅުމާލެ އެކަންޏެއް ނޫން ގުޅީފަޅާއި، ގިރާވަރު ފަޅާއި އެއީ އަޅުގަނޑުމެންގެ ކުރު މުއްދަތުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ތަންތަން. އޭގެ އިތުރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް މިސަރަހައްދަށް ބޭނުންވާނެ ގޯތިގެދޮރު އަޅުގަނޑުމެން ފުށިދިއްގަރު ފަޅު ހިއްކައިގެން ހާސިލްކޮށްދޭނަން." ވަޒީރު ވިދާޅުވިއެވެ.

އެފްޑީސީން އަންނަނީ ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު ތަރައްގީކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ 1،200 ޔުނިޓާއި 3 ކޮޓަރީގެ 2،800 ޔުނިޓެވެ. އެންބީސީސީން އަޅަނީ މީގެ ތެރެއިން 2000 ހައުސިން ޔުނިޓެވެ. ބާކީ ހުރި ޓަވަރުތައް އަޅަނީ އިންޑިއާގެ ޖޭއެމްސީންނެވެ.

އަމާން ދޯދި ޓަވަރުތަކުގައި 3 ކޮޓަރި އާއި 2 ކޮޓަރީގެ ޔުނިޓުތައް ހުރެއެވެ. އެކުންފުނިން ދައްކާލާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތައް ހުންނާނެގޮތުގެ ނަމޫނާއެވެ. މިއެޕާޓްމަންޓުތަކުގައި 2 ކޮޓަރި އާއި 2 ފާޚާނާ އާއި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ބެލްކަނިވެސް ހުރެއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 32 ޓަވަރުގެ ތެރެއިން، އެންބީސީސީން އިމާރާތްކުރަމުންދާ ޓަވަރުތަކަކީ އެފްޑީސީގެ "އަމާން ދޯދި" ގެ ނަމުގައި ބިނާކުރާ ޓަވަރުތަކެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy