ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން، އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މަސައްކަތް ކުރައްވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗަށްވެސް ނުފޫޒު ފޯރުވުމަށް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސާޖިދާ ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަވަނީ ގަވާދާއި ހިލާފަށްކަމަށް ބުނެ ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ 28،000 ސިވިލް ސާރވިސް މެންބަރުންގެ ކަންބޮޑުވުން މި މައްސަލައިގައި އެބަ އޮތްކަމަށެވެ. މިހާރުގެ ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ހަލީލްގެ ކަންބޮޑުވުންވެސް މިކަމުގައި އެބަ އޮތްކަމަށް ޔައުގޫބް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާއާއި ގުޅުން އޮތް ބޭފުޅަކު ތަނެއްގެ މަގާމަކަށް ވަޑައިގަތުމުން އެންމެ އިސްވެރިޔާއަށް ނުފޫޒު ފޯރުވާނެކަން ސާފުކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ސާޖިދާ އެ މަގާމުގައި ހުންނެވީ ފަސްޓް ލޭޑީކަމުގެ މަގާމާއި ހައިސިއްޔަތުން، ބާރާއި ނުފޫޒު ބޭނުންކޮށްގެންކަމަށް ޔައުގޫބް ތުހުމަތު ކުރެއްވިއެވެ. ގާނޫނުގައި ކަމެއް ވަކި ގޮތަކަށް ކުރެވެން އޮތުމުން އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ ރަނގަޅު ގޮތް ނޫންކަމަށާއި، މިކަމަށް ސިވިލް ސާރވިސްގެ އިސްވެރިންވެސް ތާއީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
"ގާނޫނުގެ، ގަވާއިދުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ އެއީ، އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކޮށްގެންވާނެކަމެއް ނޫންކަމަށް ވަރަށް ސާފުކޮށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސްވެސް ވިދާޅުވި،" ޔައުގޫބް ވިދާޅުވިއެވެ.
ނޯ ޕޭ ލީވް ދެވެން އޮންނަ ހާލަތަކީ ވަޒީފާއެއް އަދާކުރުމަށް މުވައްޒަފަކު ރާއްޖޭގެ ރަށަކަށް ނުވަތަ، ބޭރުގެ ގައުމަކަށް ދާން ޖެހިއްޖެ ހާލަތެއްގައި އޭނާގެ އަނބިމީހާ/ފިރިމީހާ އެކަމަށް އެދުންކަމަށް ޔައުގޫބް ވިދާޅުވިއެވެ. ސާޖިދާއަށް ދީފައިވާ ނޯ ޕޭ ލީވްވެސް ދީފައިވަނީ މި މާއްދާއަށް ރިޔާއަތްކޮށްކަމަށް ފާހަގަކޮށް، ސާޖިދާ އެ މަގާމުގައި ހުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމަކީ ގާނޫނާއި ހިލާފަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށް ޔައުގޫބް ތަކުރާރުކޮށް ވިދާޅުވިއެވެ.
ސާޖިދާ މަސައްކަތް ކުރައްވަނީ ރައީސް މުއިއްޒުއަށް ނުފޫޒު ފޯރުވުމަށްކަމަށް ވިދާޅުވިއެވެ.