ސެޕްޓެމްބަރ 20, 2024 10:51

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މެޑަމް ސާޖިދާއާއިއެކު ހަދާފައިވާ އެއްބަސްވުމަކީ ގަވައިދާ ހިލާފު އެއްބަސްވުމެއް ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 13, 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފަންނީ ލަފާ ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކަމަނާއާ އެކު ހެދި އެއްބަސްވުމަކީ ސިވިލް ސާވިސްގެ ގަވައިދާ ހިލާފު އެއްބަސްވުމެއް ކަމަށް ބުނެ ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށަހަޅައިިފިއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި މި މައްސަލައިގައި ވަނީ ސީއެސްސީން 'ރައީސްގެ އަނބިކަނބަލުންނަށް ވީތީ މޮޅުގޮތް' ހަދައިދޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ޔައުގޫބު ވިދާޅުވި ގޮތުގައި، ސާޖިދާ އާ އެކު ސީއެސްސީން އެކުލަވާލި އެއްބަސްވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ސިވިލް ސާވަންޓުންނަށް ކުރާނެއެވެ.

މީގެއިތުރުން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރު ދުވަހުގެ ނޯ ޕޭ ލީވް އެއް ސާޖިދާއަށް ދިނީ ވެސް ސީއެސްސީގެ ގަވާއިދާ ހިލާފަށް ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

ޔައުގޫބު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު އަންނަނީ ބަހުސް ކުރަމުންނެވެ. މައްސަލަ މަޖިލީހަށް ބަލައިގަތީ 21 މެމްބަރުންގެ ވޯޓާ އެކުގައެވެ. މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ.

ސާޖިދާ އާ އެކު އެއްބަސްވުން އެކުލަވާލި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރުމުން މެންބަރުން ވިދާޅުވީ، ސާޖިދާ މިހާރު ހުރި މަގާމުގައި ބެހެއްޓުމަށް އެދި ކޮމިޝަނަށް ސިޓީ އެއް ފޮނުވީ ހެލްތު މިނިސްޓްރީން ކަމަށާއި، މިނިސްޓްރީން އެކަމަށް އެދުމުން ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުމެއް އެކުލަވާލީ ގަޑިއިރަކަށް 75 ރުފިޔާގެ މަގުން މަހަކު 3،000 ރުފިޔާ އަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.

އެ ދުވަހު ކޮމިޝަނުން ފާހަގަކުރި ގޮތުގައި ސާޖިދާ ފުރަތަމަ ބޭނުންފުޅުވީ މަގާމުގައި ދެމިހުންނާށެވެ. އެކަމަކު، އެ ފުރުސަތު ގަވާއިދުން ނުލިބޭތީ ނުދޭ ކަމަށާއި އަދި ފަސް އަހަރުގެ ޗުއްޓީއެއް ނެގުމުގެ ފުރުސަތު ވެސް އެ ކޮމިޝަނުން ނުދޭކަން ފާހަގަކުރިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy