ސެޕްޓެމްބަރ 20, 2024 14:48

ރައީސް ނަޝީދު: ސިޔާސީ މައިދާނާ ދުރަށް ޖެހި ވަޑައިގަންނަވަނީ

ފާތިމަތު އިސްރާ
ޑިސެމްބަރ 12, 2023

ދިވެހިރާއްޖޭގެ ތާރީހުގައި ގަދަ އަކުރުން ފަވާލެވުނު އެންމެ މަގުބޫލު ސިޔާސީ ލީޑަރ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ދާއިރާއާއި، ދުރަށް ޖެހިވަޑައިގަންނަވާކަން އިއުލާން ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން އިއުލާން ކުރައްވާފައި ވަނީ މިރޭ ކުއްލި ގޮތަކަށް އާންމު ކުރެއްވި ބަޔާނެއްގައެވެ.

ރައީސް ނަޝީދު ވަނީ އެ ބަޔާނުގައި ރާއްޖޭގެ އެކި މަސައްކަތްތަކުގައި އުޅުއްވާތާ އެތައް އަހަރުތަކެއް ވެފައިވާކަން ހާމަކުރައްވައި  ސިޔާސީ ހަޔާތްޕުޅުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަރާތްތަކަށް ވަކިވަކިން ކޮންމެ މީހަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އެފަރާތްތަކަށް ޝުކުރު އަދާކުރެއްވުމާއެކު ސިޔާސީ މަސައްކަތުން ދުރުވާން ނިންމެވިކަމާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް ވާދަނުކުރައްވާނެކަން ރައީސް ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމެއް ގެންނެވުމަށް ކަމަށެވެ. ދިވެހިރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ އަދި ރައްޔިތުންގެ ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ގައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސިޔާސީ ހަޔާތްޕުޅުގައި އެތައް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިޔާސީ މަސައްކަތުގެ ތެރެއިން ނުހަނު އަނިޔާއާއި ހިތާމަވެރިކަންކަމާއި އެކަނިވެރިކަމާއި ކުރިމަތިލާން ޖެހުނު ކަން ވަނީ ހާމަކުރައްވާފައެވެ. އަދި ޖަލުގެ އަނިޔާ އެތައް ފަހަރެއްގެ މަތިން ތަހައްމަލު ކުރަން ޖެހުނުކަންވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެދުވަސްތަކުގައި އާއިލާއާއި ވަކިން އެތައް ދުވަހަކު އުޅުއްވަން ޖެހުނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ މުޅި ޒާތީ ހަޔާތް އެއްކޮށް ބަރުބާދުވެގެން ދިޔަކަމަށާއި، ބޮމުގެ ހަމަލާއިން އެމަނިކުފާނު މަރުގެ ތުންފަތްމައްޗަށް ހުށަހެޅިގެން ދިޔަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

2008 ގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިކުރައްވައި އޮކްޓޯބަރު 2008 ގައި ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ.

ޖޫން 2005 ގައި ސިޔާސީ ޕާޓީތައް ހިންގެވުމުގެ ހުއްދަ ދޫކުރުމުން އެ އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދެވުމުގެ މަސައްކަތްކުރައްވައި ޕާޓީގެ ޗެއާޕާސަންގެ ގޮތުގައި ވަނީ މަސައްކަތްކުރެއްވާފައެވެ. އޭޭގެ އިތުރުން އެމްޑީޕީގެ ރައީސްކަަން ވެސް ކުރެއްވިއެވެ. އެއްދުވަސްވަރެއްގައި އެމަނިކުފާނު ހިމެނިވަޑައިގެންނެވީީ ރާއްޖޭގެ އެންމެ މަގުބޫލް ސިޔާސީ ލީޑަރުގެ ގޮތުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުން އެމަނިކުފާނު ބަލައިގެންފައިވަނީ ޑިމޮކްރަސީއަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމުގައި އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރުމަށް ފަހު ކުރިމަގިވި ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވަކިންނެވެ.

މިހާރު ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީގައި އިސްކޮށް އުޅުއްވުމަށް ފަހު އެމަނިކުފާނު މި ވަނީ ސިޔާސީ މަސައްކަތުން ދުރަށް ޖެހުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy