ސިއްހީ ފަރުވާ ހަރުދަނާ ކުރުމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ ފަރުވާގެ އަމާޒުތައް ހާސިލުކުރުމަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސްއާ ވިދާޅުވެއްޖެއެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ނައިބު ރައީސް ސްވިޒަރލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ޑަބްލިޔުއެޗްއޯގެ ފަރާތުން އަބަދުވެސް ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލުމަށްޓަކައި އެ ޖަމްއިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ.
މީގެތުރުން ސިއްހީ ދާއިރާއިން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ނަމަވެސް އަދިވެސް މި ދާއިރާއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ކުރިޔަށްމިދާ ފަސް އަހަރުގެ ދައުރަކީ މިފަދަ އެންމެހާ ގޮންޖެހުންތައް ގިރާކުރުމާއެކު ފެންވަރު ރަނގަޅު އަދި އިތުބާރު ހިފޭ ސިއްހީ ޚިދުމަތުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ފަސް އަހަރު ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ސްވިޒަރލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ”ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ”ހިއުމަން ރައިޓްސް 75“ ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.