ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމަށް ބާރު އެޅުމަށްޓަކައި ދިރާސާއެއް ހެދުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ހެލްތު މިނިސްޓްރީން އާންމުކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ވަނީ އެކިއެކި ސަބަބުތަކަށްޓަކައި ހުދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސް ކޮށްދިނުމުގެ މަގުުސަދުގައި ހާއްސަ ސިޔާސަތެއް އެކަށައެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އަނބުރާ ހިދުމަތަށް ނުކުތުމާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ މި އިއުލާނުގައި ވަނީ ބުނެފައެވެ.
މި ދިރާސާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 19 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށައެޅުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.
މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 3014407 ،3014419 ފޯނަށް ގުޅުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.