2023 ޑިސެމްބަރު 03 ވަނަ ދުވަހަކީ ނުކުޅެދޭމީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ދުނިޔޭގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވޭ ދުވަހެވެ. ކަމާގުޅޭ ވަކި ދުވަހެއް އޮތުމުގެ ބޭނުމަކީ އެހެން ހުރިހާ ދުވަހަކަށްވުރެ ބޮޑަށް އެ ދުވަހު އެކަމަށް ސަމާލުކަން ދިނުމެވެ. އެކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުމާއި މައުލޫމާތު ދީ ރޭވުންތައް ރާވައި ހިންގުމެވެ. އަދި އޭގެ ތެރެއިން އެންމެ މުހިއްމު ދިމާއަށް ޚާއްޞަ ސަމާލުކަމެއް ދީ ޢަޒުމްތައް ކަނޑައެޅުމެވެ.
ޤައުމެއްގެ ނިސްބަތުން ރާއްޖެއަކީވެސް ނުކުޅެދޭ މީހުން ގިނަ ޢަދަދަކަށް ލިސްޓް ކުރެވިފައިވާ ކުޑަ ޤައުމެކެވެ. އެހެންކަމުން ޤައުމުގެ ކޮންމެ ފަރުދަކުވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިއްމެވެ. އެގޮތުން ކުރެވިދާނެ އަދި ކުރުން އިންތިހާއަށް މުހިއްމު އެތައްކަމެއް ބަލާލި ކޮންމެ ދިމާލަކުން ފެންނަން އެބަހުއްޓެވެ.
ނުކުޅެދޭ މީހުންނާއި އެހެން މީހުން ތަފާތު ނުކުރުމާއި، އެމީހުންނަށްޓަކައި މުއައްސަސާތަކާއި އެހެނިހެން ތަންތަނުން ލިބޭ ޚިދުމަތް އަވަސްކޮށްދިނުމާއި، ހަމަހަމަ ފުރުޞަތުތައް ދިނުމާއި އެކު އެއީވެސް މުޖްތަމަޢުގައި ބޭނުންތެރިބަޔަކަށް ހަދަން ކުރެވޭ މަސައްކަތްތައް ދަނީ ކޮންމެ ދުވަހަކުވެސް ކުރެވެމުންނެވެ. ނަމަވެސް މިކަންކަން ފައްކާ ކުރެވުމަކީ ނުކުޅެދޭ މީހުންނާއި ކުދިންނަށްޓަކައި އަޅުގަނޑުމެން ކުރަން ހުރި ކަންކަން ކޮށްނިމުމެއް ނޫނެވެ.
ނުކުޅެދޭ ކޮންމެ މީހަކަށްޓަކައި ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޤުރުބާން ވެއެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް އެފަދަ މީހުންނަކީ ކޮންމެ ދުވަހަކުމެ، ހިތްވަރާއެކު، ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ބައެކެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ޢާއިލާއަކީ މިކަމުގައި އެންމެ އިސްކޮށް އުޅޭނެ ފަރާތެވެ. ނަމަވެސް ފޫހިކަމެއް ނެތި ޢާއިލާތެރެއިން ކިތަންމެ ބޮޑު ޙިމާޔަތެއް ދީގެން ގެންގުޅެމުން އައިނަމަވެސް، ނުކުޅެދޭމީހުން، ގެއިން ބޭރަށް ނުކުންނަ ހިސާބުން ގެއްލޭ ރައްކާތެރިކަމަކީ މިއަދު އަޅުގަނޑުމެން އެންމެ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެހެންކަމުން މިކަން ޙައްލު ކުރުމަށްޓަކައި މުޖްތަމަޢުގެ ލޯ މިކަމަށް ހުޅުވަން މަސައްކަތް ކުރަން ޖެހެއެވެ.
އެގޮތުން، އެފަދަ ފަރާތްތަކުގެ ޢާއިލާގެ އިތުރުން ދިމާވާ ހަމަ ކޮންމެ މީހަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހާއާއި ދޭތެރޭ ކަންކަން ބަހައްޓަންޖެހޭ ގޮތް އެނގިގެން ހުރި މީހަކަށް ހަދަން ޖެހެއެވެ. ކޮންމެ ދެ އިންސާނަކީ ތަފާތު ދެމީހަކަށްވާފަދައިން، ނުކުޅެދޭ ކޮންމެ ދެމީހަކީ ތަފާތު ދެމީހެކެވެ. އެއްކަމެއް ދެމީހެއްގެ މައްޗަށް އެއްގޮތަކަށް ތަންފީޒު ނުވާނެ ފަދައިން ނުކުޅެދޭ ދެމީހަކާ ދޭތެރޭވެސް އެއްގޮތަކަށް ކަންތައް ނުކުރެވޭނެކަން ދަސްކުރަން ޖެހެއެވެ. ޢާއިލާއިން ލިބޭ ޙިމާޔަތް އެފަދަ ފަރާތްތަކަށް ޢާއިލާއާއި ދުރުގައި ހުންނައިރުވެސް ލިބޭނެކަން ޔަގީންކޮށްދޭން ޖެހެއެވެ. އޯގާތެރިކަމާއިއެކު އެފަދަ ފަރާތްތަކާއި އެންމެންވެސް މުޢާމަލާތް ކުރުން ވަރަށް މުހިއްމުކަން އެންމެންނަށް އެނގިފައި އޮންނަން ޖެހެއެވެ. އެފަދަ ކުދިންނަށް ނުވަތަ މީހުންނަށް ކޮންމެ ކަމެއްގައިވެސް އޮންނަ ރަނގަޅު މިސާލު ދައްކައިގެން ކަންކަން ދަސްކޮށްދީ ބުނެދޭން އެންމެންނަށްވެސް އެނގުން މުހިއްމެވެ.
މިކަންކަން ކުރެވޭނީ ނުކުޅެދޭ މީހަކު ހުންނަ ކޮންމެ ޢާއިލާއަކުން، އެފަދަ ކުއްޖަކު ނުވަތަ މީހަކު ގެންގުޅެންޖެހިފައި ނުވާ އެކަކު މިކަމުގައި ޝާމިލް ކުރުވައިގެންނެވެ. ނުކުޅެދުންތެރިކަމާއިބެހޭ މަޢުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ ކޮންމެ ކަމެއްގައި ނުކުޅެދޭމީހާގެ ފަރާތުން ދާ ކޮންމެ މީހަކަށް، މުޖްތަމަޢުގެ ކޮންމެވެސް މީހަކު ބައިވެރިކޮށްގެންނެވެ. މިއީ ޢަޒުމަކަށް ހަދައިފިނަމަ ދާދިއަވަހަށް މުޅި މުޖްތަމަޢަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލާ އޯގާތެރި އަދި ޙިމާޔަތް ދޭނެ ބަޔަކަށް ވެދާނެއެވެ.