ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް-6 ގެ އެޕާޓްމަންޓެއްގައި ހިނގި މާރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށާއި, އެ މައްސަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ, މި ހާދިސާގައި އަނިޔާވި 22 އަހަރުގެ މީހާއަށް ހަމަލާ ދީފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، މި ފަހުން ވަނީ މާރާމާރީތައް ހިނގާ އަދަދު ބޮޑުތަނުން އިތުރުވެފައެވެ. ހާއްސަކޮށް މާލެ އާއި އައްޑޫގައި މާރާމާރީތައް ވަކިން އިތުރެވެ. އެގޮތުން، މާރާމާރީތަކަކާއި ގުޅިގެން، މާލެ ސަރަޙައްދުގައި ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަންތައް ވެސް ފަށައިފައެވެ.