އަންނަ ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ކެބިނެޓް ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުވުމުގައި ނިންމެވި މުހިންމު ނިންމެވުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ފުރަތަމަ ޓާމް ބަންދަށްފަހު ޖެނުއަރީގައި ސްކޫލުގެ ކިޔެވުން ފެށޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހުރިިހާ ސެޝަނެއް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިކަން ކުރުމުގެ ބޭނުމަކީ ގައުމީ ލަވަ، ގައުމީ ދިދަ އަދި ގައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުން ކަމަށެވެ. އަދި ގައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައި ވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޑިސެމްބަރުގައި ސްކޫލު ބަންދުވެފައި ޖެނުއަރީގައި ސްކޫލު ހުޅުވޭ ޓާމުން ފެށިގެން ދެން ކޮންމެ ސްކޫލެއްގައި ކިޔަވާ ކުދިން ސެޝަން ފަށާނީ ގައުމީ ސަލާމް ކިޔައިފައި،" ރައީސް ވިދާޅުވިއެވެ.
ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. އަދި މިކަން ބެލެހެއްޓުމަށް ހާއްސަ މެންޑޭޓަކާއެކު ގައުމިއްޔަތު މިނިސްޓްރީ އެއް އުފައްދާފައުވެއެވެ.