ބައްސާމް ނިންމަވާފައިވަނީ އަންނަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާށެވެ. އެ ބައްދަލު ކުރެއްވުމުގެ ދައުވަތު ބައްސާމް ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނަށް ފޮނުއްވިއިރު، ބުރާސްފަތި ދުވަހު މެންދުރު ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބައްސާމްގެ މައްޗަށް އަދި އެފްއޭއެމްގެ އިސްވެރިންގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކެއްގެ ވާހަކަވަނީ ވިދާޅުވެފައެވެ.
އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށެވެ. އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމަށް ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގަވަން ތިއްބެވި ވެރިންނަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ މިހެން ވިދާޅުވިޔަސް، ބޭރުގެ އިދާރާތަކުން ދޭ އެއްވެސް ފައިސާއަކަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
ފީފާގެ ރައީސްއާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި، އެފްއޭއެމްގެ އެއްވެސް ފައިސާއަކަށް އެ އިދާރާގެ ވެރިޔަކުވެސް އަދި މުވައްޒަފަކުވެސް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެފްއޭއެމް މާލީ ގޮތުން އިންތިހާއަށް ދަތިވެފައިވީނަމަވެސް ފައިސާއަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށާއި އަދި ކުރެވޭ ތުހުމަތުތަކަށް ކެރިގެން ކުރިމަތިލާނެ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.