ސެޕްޓެމްބަރ 20, 2024 10:27

ސޯޝަލްމީޑިއާއަށް މަސްވެރިއަކު ދޫކޮށްލި ސިޓީ، ވަޒީރު ދެއްވި އުއްމީދީ ޖަވާބެއް

ފާތިމަތު އިސްރާ
ޑިސެމްބަރ 1, 2023

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް އެޑްރެސްކޮށް، މަސްވެރިއަކު މީސް މީޑިއާއަށް ދޫކުރި ސިޓީއަކަށް މިނިސްޓަރު ޖަވާބުދެއްވައިފިއެވެ.

މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ލިޔެފައިވާ ސިޓީގައި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މަސްވެރިންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކާއި، ވެވަޑައިގެންފައިވާ ވަޢުދުތައް ހިމެނެއެވެ.

“އަޅުގަނޑުމެން މަސްވެރިން މި ތިބެނީ އަނގަޔާ އަތާ ދިމާނުވެއެވެ. ކުދިންގެ ޓިއުޝަންފީ އަދި އިންޓަރަވަލް، ޤުރުއާން ކުލާސްތަކުގެ ފީ، ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދަޢުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތެއްވެސް ލިބެމުންނެވެ” ސިޓީގައި މަސްވެރިން ބުނެފައިވެއެވެ.

އެ ސިޓީގެ ޖަވާބުގައި މިނިސްޓަރު ޝިޔާމު ވިދާޅުވީ މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމުގައެވެ.

"އެކުވެރި ޖިނާހް (ޖިނާއްޕެ) އަށް ވަރަށް ވެދުމާ ސަލާމް. މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމުގައި ދަންނަވަން.

ވަރަށް އުފާކޮށްފިން މީސްމީޑިޔާ މެދުވެރިކުރައްވާ އެތައް މަސްވެރިއެއްގެ ޙައްޤުގައި އަޑުއުފުއްލެވީތީ. އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަން ޔަޤީންކަން އަރުވަން. މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން ލަސްތަކެއްނުވެ ހޯދާނަން إن شاءالله.

ޖިނައްޕެއަށް ގުޅާލުމުން ހިއްސާކުރެއްވި ވާހަކަފުޅަކީ މުހިއްމު ވާހަކަފުޅެއް އަދި އެކަމަށް ނިމުމެއް ގެނެވޭނެ. ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން." މިނިސްޓަރު ވިދާޅުވިއެވެ

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy