ސެޕްޓެމްބަރ 20, 2024 09:05

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސްޕްރީމް ކޯޓު

ގާނޫނުލްއުގޫބާތުގައި ގިސާސް ހިފުމަށް ހުރަސް އެޅޭގޮތަށް އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 1, 2023

ގާނޫނުލްއުގޫބާތުގައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަރަށް މަރު ހިފުން، ނުވަތަ ގިސޯސް ހިފުމުގެ އަދަބު ކަނޑައެޅުމަށް އޮތް މާއްދާ ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބާތިލް ކުރީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ. އެއީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަށް ފުށުއަރާ ނަމަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވި ކަމަށް ނުބެލެވޭނެ ކަމަށް އޮތް ނަންބަރެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ކަނޑައަޅައި ހުކުމް ކުރީ، މީގެ 11 އަހަރު ކުރިން ވެސްޓް ޕާކް ރެސްޓޯރަންޓް ކައިރީގައި މ. ފެއާރީނޯ އަލީ ޝިފާން ހުއްޓައި އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު ޝައިފަން މަރަން ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވަމުންނެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔުގައި ވިދާޅުވީ، މަރަށް މަރު ހިފުމަކީ ސީދާ ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި، އެހެންކަމުން އިސްލާމީ ޝަރީއަތާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ ކަމަށާއި މާނައެއް ވެސް ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތާ ހިލާފު ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވާނީ ބާތިލު އެއްޗަކަށެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދުކުރެއްވިއެވެ.

ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެއެވެ. އިސްލާމީ ޝަރީއަތުގައިވާ ހަމަތަކުގެ މަތީން ގިސޯސް ހިފަން ކަނޑައެޅޭ ވަރަށް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވެސް އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ގާނޫނުލް އުގޫބާތުގެ މާއްދާ އެ ގޮތަށް އޮތުމުން ގާނޫނާ ހިލާފަށް އެ އަމުރު ނުގެނެވޭނެ ކަމަށް އޭނާގެ ރައުޔުގައި ފާހަގަ ކުރެއްވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy