ސެޕްޓެމްބަރ 20, 2024 11:55

އާދަމް އާޒިމް

ފުށިދިއްގަރުފަޅު ހިއްކުމަކީ މިވަގުތު ބޭކާރު ހަރަދެއް، އެއީ ރައްޔިތުން ފައިސާ ބޭކާރު ކުރުން: އާޒިމް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 1, 2023

މި ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ހިއްކުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅަކީ، މިވަގުތަށް ބޭނުންވާ ތަނެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ޓިކެޓް ހޯއްދަވަން މަސައްކަތްކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

އާޒިމް ވިދާޅުވީ ދައުލަތުގެ ފައިސާއިން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އާންމުންނަށް ފަސޭހައިން ދިރި އުޅެވޭނެ ގޮތެއް ހަދައިދިނުން ކަމަށެވެ. އެކަމަށް، އެންމެ އަވަހަށް ކުރެވެން އޮތް ކަމަކީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ގުޅިފަޅު، ގިރާވަރު އަދި އުތުރު ތިލަފަޅު ތަރައްގީކޮށް، އަސާސީ ހިދުމަތް ގާއިމްކުރުމާއެކު އެތަންތަން އާބާދުކުރުން ކަމަށެވެ. އަދި އެ ތިން ރަށް ގުޅާލަން ބުރިޖު ވެސް އެޅޭނެ ކަމަށާއި އެހެންނަމަވެސް، ފުށިދިއްގަރުފަޅަށް ބުރިޖު އެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެންނަށް އެންމެ މުހިއްމީ އަތުގައި ހުރި ފައިސާ އިން އެމީހުންނަށް އުޅެވޭނެ ގޮތެއް ހަދައިދިނުން. މިވަގުތު މާލޭގައި އުޅޭ ދަތި ހާލުން ސަލާމަތްކޮށްދޭން އެންމެ އަވަހަށްކޮށްދެވޭނެ ކަމަކީ ގުޅިފަޅާއި، ގިރާވަރާއި، އުތުރުތިލަފަޅު ތަރައްގީކޮށްދިނުން."  - އާޒިމް

އާޒިމް އިތުރަށް ވިދާޅުވީ، މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންނާ ބައްދަލުކުރައްވާ، ކަންކަން ނިންމެވުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށާއި މަސައްކަތްތައް ކުރިއަށްދާގޮތާއި، މަސައްކަތެއް ލަސްވާނަމަ އެކަމުގެ ތަފްސީލު ވެސް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާއެކު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވަން މަގާމުން އިސްތިއުފާ ދެއްވުމުވާ ގުޅިގެންނެވެ.

އާޒިމް އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު އާޒިމްއަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy