ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކުޑަކުރަން މަޝްވަރާ ކޮށްފައި ވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިވަގުތު ތުރުކީއަށް ކުރައްވާ ދަތުރުފުޅުގައި ރޭ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ތުރުކީގެ ޑެޕިއުޓީ މިނިސްޓާ އޮފް ޓްރޭޑް މުސްތަފާ ޓުޒްކޫ އާ އެކު ބޭއްވި ބައްދަލުވުމުށް ފަހުއެވެ.
ޒަމީރު ވިދާޅުވީ، ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އެ ގައުމުގެ މާކެޓަށް އެތެރެ ކުރުމުގައި ފަސޭހަ މަގެއް ބޭނުންވާކަމުގެ މަޝްވަރާތައް އެ ބައްދަލުވުމުގައި ކުރެއްވި ކަމަށެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިމާރާތް ކުރުމުގެ ދާއިރާއިންނާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގާއިމު ވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެ އާއި ތުރުކީވިލާތުގެ މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ނެގޭ ޑޮލަރު ލިމިޓުވެފައި އޮތުމުން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.