ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވީ އާ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 22 ވަޒީރެއްގެ އެހެން ގައުމެއްގެ ރައްވެހިކަން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހުގައި އެދުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.
މި ކަމާ ގުޅިގެން މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވީ ވަޒީރުން ކޮމިޓީއަށް ހާޒިރުކޮށްގެން ޕާސްޕޯޓާ ގުޅޭގޮތުން ސުވާލުކުރެއްވުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމެއްގައިވާ ގޮތުން ވަޒީރުންނަށް ރުހުން ދިނުމުގެ މަރުހަލާގައި ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވެ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވަނީ ވަޒީރުންގެ ހުރުން ލާޒިމުވާ ޝަރުތުތައް ކަނޑައަޅާފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދެވަނަ ނަންބަރުގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ.
އެހެންކަމުން ކޮމިޓީން މިއަދު ނިންމީ އެ މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގައި އެދުމަށެވެ.