ޣައްޒާއަށް ދެމުންދާ ހަމަލާތައް 4 ދުވަހަށް މެދުކަނޑާލަން އިޒްރޭލު ސަރުކާރުން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރުކޮށްފައިވާ އިޒްރޭލުގެ 50 މީހުން ދޫކޮށްލުމަށް އަދި އިޒްރޭލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށް ވަނީ ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރު ކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން ދޫކޮށްލާ އިތުރު ކޮންމެ 10 މީހަކަށް ހަނގުރާމަ އިތުރު އެއްދުވަހަށް މެދުކަނޑާލާނެ ކަމަށްވެސް އެއްބަސްވުމުގައިވެއެވެ.
ނަމަވެސް އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ނަޓެންޔާހޫ ވަނީ ހަނގުރާމަ މެދުކަނޑާލުމަށް ނިންމި ނަމަވެސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށާއި މުއްދަތު ހަމަވުމުން އަނެއްކާވެސް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް 46 ދުވަސް ވެފައި ވީއިރު، މިހާތަނަށް ފަލަސްތީނުން 14،000 މީހަކު ޝަހީދު ކޮށްލައި 30،000 މިހަކު ވަނީ ޒަހަމްކޮށްލާފައެވެ. އަދި ހުޅަނގު އައްސޭރި ހިމެނޭހެން ރަހީނު ކޮށްގެން އިޒްރޭލަށް ގެންގޮސްފައި ވާ ފަލަސްތީން މީހުންގެ އަދަދު 6000 އިން މައްޗަށް އަރައެވެ.
ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން އޮކްޓޫބަރު 7 ގައި ފެށުނު މި ހަނގުރާމައިގައި މިހާތަނަށް އިޒްރޭލުގެ 1،200 މީހުން ހަމާސްގެ ހަމަލާތަކުގައި ވަނީ މަރުވެފައެވެ. އަދި އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން ހަމާސް އިން އަސީރުކޮށްފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.