ސެޕްޓެމްބަރ 20, 2024 12:30

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ /ފޮޓޯ: މަޖިލީސް

މަޖިލީހުގެ ނައިބުރައީސް ކަމުން އީވާ ވަކިކުރުމުގެ މައްސަލަ ބަލައިގަނެ، ނޯޓިސް ފޮނުވައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 20, 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، އީވާއަށް ނޯޓިސް ފޮނުވައިފިއެވެ.

50 މެމްބަރުންގެ ސޮޔާއެކު މިދިޔަ ހޯމަ ދުވަހު އީވާ މަގާމުން ވަކިކުރަން ދެވަނަފަހަރަށް އެމްޑީޕީއިން ހުށަހެޅިއިރު، އެމްޑީޕީގެ މެމްބަރުންގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ސޮއި ކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުންގެ ސޮޔާއެކުއެވެ. 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުން ކަމުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ވަކިކުރުމަށްޓަކައި 21 މެންބަރުންގެ ސޮއި ހަމަކުރަން ޖެހޭނެއެވެ

އީވާ މަގާމުން ވަކިކުރަން މިމަހުގެ 13 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާ ފެށުމާއެކު ނަޝީދު ވަނީ އިސްތިއުފާދެއްވާފައެވެ.

އެމްޑީޕީން ބުނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އިންތިހާބުކުރީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހަޅައިގެން އެ ގްރޫޕުގެ މެންބަރުންގެ ވޯޓުން ކަމަށާއި، އީވާ އެ މަގާމަށް އިންތިހާބުކުރީ އެމްޑީޕީން އާންމުންނަށް ވި ވައުދުތައް ފުރިހަމަކޮށްދޭނެ ކަމުގެ ފުރިހަމަ އިތުބާރާ އެކު ކަމަށެވެ.

ނަމަވެސް އަމިއްލަ އަށް އެދިވަޑައިގެން އީވާ އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ އާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާ ބޭއްވުމަށް ހުރަސްއަޅުއްވަމުން ގެންދަވާތީ އީވާ އަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ އެ ގަރާރުގައި ބުންޏެވެ. ހަމަ އެހެންމެ ނަޝީދުގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި ގާނޫނުއަސާސީ އާ ހިލާފުވެފައިވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންގޮސް ލަސްކުރުމާއި ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދަން ޖެހުނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންނެވެ. ސުޕްރީމް ކޯޓުން ނިންމީ ނަޝީދުގެ ރިޔާސަތުގައި މަޖިލީހުން އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު މެންބަރުންގެ މެދުގައި ނެގި ވޯޓް ކާމިޔާބު ކުރައްވައި މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް ހުންނެވި މުޙައްމަދު އަސްލަމެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy