މިދިޔަ އޮކްޓޫބަރު މަހު ޖުމުލަ 159،141 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އޮކްޓޫބަރު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 17،406 ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 17،032 ފަތުރުވެރިންނެވެ. 15،973 ފަތުރުވެރިންނާއެކު ތިންވަނައިގައި ޖަރުމަނު އޮތް އިރު ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެއީ 14،664 ފަތުރުވެރިންނެވެ.
އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 13 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އައީ ޑިސެމްބަރު މަހުއެވެ. މިއަހަރުގެ މިކާމިޔާބީ އާ އެކު ސަރުކާރުގެ އަމާޒަށް ދާން އޮތީ ހަތަރު ލައްކަ ޓޫރިސްޓުންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ މަހު، ޓޫރިސްޓުން އައުން ރަނގަޅު ވެއްޖެ ނަމަ، އެ އަމާޒަށް ފަސޭހަކަމާ އެކު ވާސިލުވެވޭނެ ކަމަށެވެ. މިއަހަރު އެވްރެޖުކޮށް ކޮންމެ މަހަކު 150،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.