ސެޕްޓެމްބަރ 20, 2024 12:08

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާން ރައީސް ޔާމީން ނިންމަވައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 16, 2023

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިނުގަންނަވަން ނިންމަވައިފިއެވެ.

މާދަމާ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި އޮންނަ މި ޖަލްސާއަށް ވަޑައިގަތުމަށް މަޖިލީހުގެ އިދާރާއިން ރައީސް ޔާމީނަށް ވަނީ ދައުވަތު އަރުވާފައެވެ. އެހެންނަމަވެސް ރައީސް ޔާމީން މި ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދައަށް އެދިވަޑައިގެންފައެއް ނުވެއެވެ.

ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ އެ ޖަލްސާގައި ޔާމީނު ބައިވެރިވެ ވަޑައިނުގަންނަވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި އަދި ހައިބަތު ބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ ޖަލްސާގެ ކަރާމަތާއި ހައިބަތައް އުނިކަން ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީކަމަށެވެ.

"ރައީސް ޔާމީނަށް ދައުވަތު ފޮނުއްވާފައި ވީނަމަވެސް، ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީއާއި، އަދި އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވާފަ"  - އާދަމް ޝަމީމް

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވީނަމަވެސް، މުއިއްޒު މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު އެ މަނިކުފާނުގެ އެދިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ޔާމީންގެ ޖަލު ހުކުމް ގޭބަންދަށް ލުއިކޮށްދެއްވައިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy