ސެޕްޓެމްބަރ 20, 2024 09:22

އީވާއާއި އަފީފު މަޖިލިހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ފާސްކޮށްފި

ފާތިމަތު އިސްރާ
ނޮވެމްބަރ 12, 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އީވާ އާއި އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް އިމްތިޔާޒު ކޮމިޓީން ބަލަން ފެށީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަވާއިދު ބޭރުކޮށްލުމާއި ގުޅިގެންނެވެ.

ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މިއަދުގެ މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ.

ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ.

އޭގެ ފަހުން 11:30 އަށް އެޖެންޑާ ކުރި ދެވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިސްގެ ނައިބު ރައީސް އީވާ އަބުދުﷲ ވެސް ވަނީ މިއީ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއްކަމަށް ވިދާޅުވެ، މަޖިލިސް ޖަލްސާ ނިންމަވައިލައްވާފައެވެ.

މިކަމާއި ގުޅިގެން އިމްތިޔާޒު ކޮމިޓީއަށް ފުރަތަމަ ހުށަހެޅުނީ އަފީފްގެ ސުލޫކީ މައްސަލައެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ. މިމައްސަލަ ކޮމިޓީގައި ކުރިއަށް ދަނިކޮށް އީވާގެ އިމްތިޔާޒުގެ މައްސަލަ ބެލުމަށް ހުށަހެޅުއްވީ އެމްޑީޕީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.

އިމްތިޔާޒުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އީވާ އާއި އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy