އަމާންކޮށް ރީތިކޮށް ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެކަމަށް ރައްދުދެއްވުމުގެ ގޮތުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އަމާންކަމާއެކު ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މީގެ ކުރިން ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގޮސްފައިވަނީ ވޯޓުން ނުވެއްޖެނަމަ ކޯޓުން ނުވަތަ މަގުމަތިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅާ ގުޅިގެން ރައީސް މައުމޫނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1968 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާ އޮމާންކަމާއެކު ކަމަށާއި އެކަން އެގޮތަށްވީ މިފަހަރު އެކެނި ނޫން ކަމަށެވެ.
ރައީސް މައުމޫން އެ އިޝާރާތް ކުރައްވަނީ ރާއްޖޭގެ ދެވަނަ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަން ނިމުނު އަހަރަށެވެ. ރައީސް ނާސިރުގެ ވެރިކަން ނިމި ރައީސް މައުމޫނުގެ ވެރިކަން ފެށުނީ އެ އަހަރުއެވެ.
ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ބަދަލުވުމުން އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ވަގުތު ރައީސް ނަޝީދުގެ ވަޒީރުން އެއްބާރުލުން ދެއްވާފައެއް ނުވެއެވެ.