ހައްދުންމަތީ އިސްދޫއަކީ އަތޮޅުގެ އެންމެ އުތުރަށް އޮންނަ ރަށެވެ. ދިވެހިރާއްޖެ އިސްލާމް ވީތާ 42 އަހަރު ފަހުން އިސްލާމްވި އިސްދޫއަކީ އެތައް އާސާރީ ތަނަކާއި ތަރިކައެއް ރައްކާކުރެވިފައިވާ ރަށެކެވެ. ރާއްޖެއިން ފެންނަން އޮތް އެންމެ ދުވަސްވީ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ "އިސްދޫ ލޯމާފާނު"ގައި މިވާހަކަތައް ލިޔެވިފައިވެއެވެ. އިސްދޫ ލޯމާފާނު ލިޔެފައިވަނީ (1195/1194މ) ގައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވެފައިވަނީ އިސްދޫގައެވެ. އަދި ރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރު އިސްދޫ ދަރިކޮޅުން ތިން ރަސްކަލުން ރާއްޖޭގައި ރަސްކަން ކޮށްފައިވެއެވެ. ރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރު އެ ރަސްމިއްޔާތައް ދައުވަތު ދީގެން މުޅި ރާއްޖެއިން މީހުން ގެންދާއިރު، މާލެއިން އުތުރުން އެވަގުތަކު "ހއ.ކެލާ ކަތީބު" ގެންނައިރު މާލެއިން ދެކުނުގެ އަތޮޅުތަކާއި ރައްތަށް ތަމްސީލު ކުރެއްވުމަށް ދައުވަތު ދީގެން ގެންދަނީ އެވަގުތަކު "އިސްދޫ ކަތީބު" ކަމުގައި ހުންނަވާ ބޭކަލެކެވެ.
މީގެއިތުރުން މުހައްމަދު ތަކުރުފާނު ރާއްޖެ އިސްލާމް ކުރެއްވުމުގެ ބުރަ މަސައްކަތްޕުޅު ކުރެއްވި އިރު ބޭނުންކުރެއްވި އޮޑި ކަޅުއޮއްފުންމި ބަނުމުގެ އިސް މާވަޑިއަކަށް ގެންދެވީވެސް އިސްދޫ އިސްމާއީލް މާވަޑި ކަލޭގެފާނެވެ.
އިސްދޫ ހަވިއްތަ ( ހަތްތެލި )
އިސްދޫގައި ހުރި ހަވިއްތަ (ހަތްތެލި) އަކީ، ރާއްޖޭގެ ގަދީމީ ތާރީހު ރަމްޒުކޮށްދޭ، ދަތުރުވެރިންނާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ. މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުސް ތާރީހީ ބިނާއެވެ. އެތަނުގެ އުސް މިނުގައި 45 ފޫޓު ހުރިއިރު، ވަށަމިނުގައި 360 ފޫޓު ހުރެއެވެ. މިއީ ބުދު ދީނުގެ ފަށްޅިއެއް ހުރި ތަނެއް ކަމަށާއި، އަދި ދަތުރުވެރިންގެ ހަރަކާތްތައް ބަލަން ބޭނުންކުރި ތަނެއް ކަމަށްވެސް ބުނެ އުޅެއެވެ. މި ސަރަހައްދުގައި ހަތް އުސްގަނޑު ހުރެއެވެ.
އިސްދޫ ހަވިއްތަ /ފޮޓޯ: އައިޝަތު އިބްރާހިމް – މިހެން
މިތަނަކީ ލ.އިސްދޫ އުތުރުފަރާތު ގޮނޑުދޮށާއި ގާތްގަނޑަކަށް 450 ފޫޓު ދުރުގައި ހުރި އުސްގަނޑެއް ކަމުން ރާޅު އަރައި އެ ސަރަހައްދު ގިރާލިޔަ ނުދިނުމަށްޓަކައި ދިވެހި ބަހާއި ތާރީހައް ހިދުމަތް ކުރާ ގައުމީ މަރުކަޒުން އިސް ނަގައިގެން 2002 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެ ސަރަހައްދާ ދިމާ މޫދުގައި 500 ފޫޓުގެ ތޮށިގަނޑެއް ލާފައެވެ.
އިސްދޫ އާސާރީ މިސްކިތް
ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރުގައި ބިނާ ކުރި މި މިސްކިތަކީ 331 އަހަރުވީ މިސްކިތެކެވެ. މި މިސްކިތުން ލިޔެލާ ޖެހުމުގެ ފަންނީ މަސައްކަތްތައް ފެންނަން ހުރި އިރު މި މިސްކިތް މިހާރު ވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ. އަދި ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. މިއީ ހިރިގަލާއި ލަކުޑި ބޭނުންކޮށްގެން ކޮށްފައިވާ ބުރަ، ކަވި މަސައްކަތްތަކެއް ފެންނަން ހުރި މިސްކިތެކެވެ.
އޭޝިއާ ތެރޭގައި އަރަބި ބަހުން ލިޔެވިފައި އޮތް އެންމެ ބޮޑު "ކާފް" ލިޔެފައި އޮތީވެސް މި މިސްކިތުގައެވެ.
އިސްދޫގެ 331 އަހަރުވީ އާސާރީ މިސްކިތް /ފޮޓޯ: އައިޝަތުއިބްރާހީމް - މިހެން
އިސްދޫ ބޭސްކުޅި
އިސްދޫ އުފެދުނު އިރު ގުދުރަތީ ގޮތުން އުފެދިފައިވާ މި ބޭސްކުޅިއަކީ ރާއްޖޭގައި އޮތް ހަމައެކަނި ބޭސްކުޅިއެވެ. މި ބޭސްކުޅީގެ ބޭސް ބޭނުން ކުރުމުން ތަފާތު ވައްތަރުގެ ހަމުގެ ބަލިތައް ރަނގަޅުވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިތަނަކީ ވަރަށް ފިނި ތަނެއްވެސް މެއެވެ.
ގުދުރަތީ ތަރިކަ/ ފޮޓޯ: އައިޝަތު އިބްރާހީމް - މިހެން
ދިވެހި ރާއްޖޭގައި ހުރި އެންމެ އެވޭލާ ބިނާތަކެއް ކަމަށް ބެލެވެނީ ދިވެހިރާއްޖޭގައި އުޅުނު ފުރަތަމަ ވަޒަންވެރިން އެމީހުންގެ ދީނީ އެކިއެކި ކަންކަމުގައި ހަދާފައިވާ ބިނާތަކެވެ. ރާއްޖެއަށް އިސްލާމްދީން އައުމާ ގުޅިގެން އެވޭލާ ދިވެހިން އަޅުކަން ކުރަން ބޭނުންކުރި ބައެއް ތަކެއްޗާއި ތަންތަން ފޮރުވާލެވިފައިވެސް އެބަ ހުއްޓެވެ. އަނެއްބައި ތަންތަނުގެ މައްޗަށް މިސްކިތް ފަދަ ތަންތަންވެސް ބިނާ ކުރެވިފައި އެބަ ހުއްޓެވެ.
ކޮންމެ ބައެއްގެވެސް ÷ޡަގާފަތަކީ އެބައެއްގެ އަމިއްލަ ވަންތަކަން ދައްކުވައިދޭ އެންމެ ބޮޑު ބަހާއެވެ. ހަމައެހެންމެ ސަގާފަތަކީ އެއް މުޖުތަމައެއް އަނެއް މުޖުތަމައާ ވަކި ކޮށްދޭ ނިޝާންވެސް މެއެވެ. ވީއިރު ދިވެހިންގެ ތާރީހު އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަކީ މިއަދު ކޮންމެ ދިވެހި ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.