ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ،
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި ރައްޔިތުންނަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި މުއިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގެ ފޮނިމީރުކަން ލިބޭނީ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި މިއަދާ ހަމައަށް މި ޖުމްހޫރީ ނިޒާމު ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވި ރައީސުންނަށާއި ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންނަށް ދުވަހުގެ ތަހުނިޔާ އާއި ޝުކުރު ދަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވޭ. ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާން އެބަ ޖެހޭ،" މުއިއްޒު ވިދާޅުވިއެވެ.
އެއާއެކު މުއިއްޒު ވަނީ އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވައިފައެވެ.
މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތަށް 3،500 މީހުންނަށް ދައުވަތު ދީފައިވާ އިރު، އިތުރު 1،000 އާންމުންނަށް ރަސްމިއްޔާތުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.