ސެޕްޓެމްބަރ 19, 2024 23:53

އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް އެމެރިކާ އާއި އެކު މަޝްވަރާކޮށްފި

ފާއިޒާ ޙުސައިން
ޖެނުއަރީ 30, 2024

އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސް ޑރ.މުއިއްޒުގެ އަރިހަށް އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ކުރެއްވި ޒިޔާރަތުގެ ތެރެއިން ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން މި ދެބޭފުޅުން ވަނީ ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

އަދި މި ބައްދަލުވުމުގައި ރައީސް ވަނީ ، އެމެރިކާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށް ފައިދާކުރާ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ބާރުލިބޭ ކަންކަމަށް މަރުހަބާކިޔުން ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ ކުރިއަށް ރަމަޟާން މަސް އޮތްއިރު ފަލަސްޠީނުގެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާކަމަށާއި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ އޮތީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ދެދައުލަތެއް ޤާއިމުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ހައްލެއް ލިބޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އަދި ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ ރައީސް ޑރ.މުއިއްޒު ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް އެބޭފުޅާ ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ރައީސް ޑރ.މުއިއްޒު ޞުލްޙަވެރިކަމާއެކު ގެންގޮސްދެއްވުމާއި، ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ރައީސް ޑރ.މުއިއްޒު ކަންކަން ކުރިއަށް ގެންދެވީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ކަން ފާހަގަކުރައްވާ، އެއީ މުޅި ދެކުނު އޭޝިއާއާއި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މިސާލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy