ސެޕްޓެމްބަރ 20, 2024 04:02

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސްމީހުން ހައްޔަރުކޮށްފި

ފާއިޒާ ޙުސައިން
ޖެނުއަރީ 28, 2024

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސްމީހުން ހައްޔަރުކޮށްފިއެވެ.

އެ ފަސްމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފ. ނިލަންދޫންނެވެ.

ނިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން ނިލަންދޫ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އޭގެ އިތުރުން، ށ. މިލަންދޫގައި މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނުގައި ހަތަރުމީހުން ހައްޔަރުކޮށްފައިވެއެވެ. އެއީ 45 އަހަރުގެ މީހަކާއި 46 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 17 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 45 އަހަރުގެ މީހާއާއި 46 އަހަރުގެ މީހާ 7 ދުވަހަށް އަދި 37 އަހަރުގެ މީހާއާއި 34 އަހަރުގެ މީހާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy