ސެޕްޓެމްބަރ 20, 2024 04:02

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަންވޭގެ މަސައްކަތް މާރިޗްމަހަށް ނިންމާލެވޭނެ

ފާތިމަތު އިސްރާ
ޖެނުއަރީ 28, 2024

ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ މާރޗްމަހުގެ ނިޔަލަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުވަނީ އެއަރޕޯޓުގެ 1200 މީޓަރު ސަރަޙައްދު ބޭނުންކުރަން ފަށާފައެވެ. އަދި މިބައި ބޭނުންކުރަން ފަށާފައިވަނީ ރަންވޭގެ ބާކީ އޮތް ބައި
ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ކުރީގެ ރަންވޭ ރަންވޭ ތަޅާލުމަށްފަހު ކަމަށް ވާތީއެވެ. ރަންވޭގެ މިބައ ބޭނުންކުރަން ފަށާފައިވަނީ ރޭގަނޑަށްވެސް ފްލައިޓް ޖެއްސޭނެގޮތަށް އޮޕަރޭޝަންތަކަށް ދަތިނުވާނެހެން ހުރިހާ ވަޞީލަތްތަކާއެކު ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީ ކުރާ އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. މިރަންވޭ ތަރައްޤީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރުވަނީ ސަބްބޭސް އަޅާފައެވެ. އަދި ބާކީ އޮތް 650 މީޓަރުގެ މަސައްކަތް ކުރުމަށްޓަކައި ކުރީގެ ރަންވޭ ބަންދު ކުރާނެކަމަށާއި، މި ދެބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރާނީ އެކުއެކީގައި ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓުފަހަރު މިރަންވޭއަށް ޖެއްސޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭގެ މަސައްކަތުގެ އިތުރަށް ފަސިންޖަރ ޓާރމިނަލް ޢިމާރާތާއި ޖެޓީ ޓަރމިނަލް ޢިމާރާތުގެ މަސައްކަތުގެ %29.1 ވަނީ ނިމިފައެވެ. މީގެ އިތުރުން ޕޭވްމަންޓާއި ރޯޑް ވޯކްސްގެ %73.7 އަދި ފިއުލް ފާމާއި ފިއުލް ޖެޓީ މަސައްކަތުގެ %9 ވަނީ ނިމިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy